ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ދާދި ފަހުން ދިވެހިރާއްޖެއަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އިއްޔެ ކަރީނާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ އަށް ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. މި ފޮޓޯތަކުގެ ތެރޭގައި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ހާންވެސް ފެންނަން ހުއްޓެވެ.
ކަރީނާ ހިއްސާކުރި ފޮޓޯތަކުގައި ރާއްޖޭގެ ގޮނޑުދޮށުގައި ވަގުތު ހޭދަކުރާ މަންޒަރާއި، ދޯންޏެއްގައި ދަތުރުކުރާ މަންޒަރު އަދި ރިސޯޓްގެ އެތެރޭގައި އޭނާ އުޅޭ މަންޒަރު ފެނިގެންދެއެވެ. މި ފޮޓޯތައް ހިއްސާކޮށް އޭނާ ވަނީ "ހޮނިހިރު ސެލްފީސް" މިހެން ލިޔެފައެވެ.
ކަރީނާގެ މި ޕޯސްޓަށް 6 ލައްކައަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 4,400 އަށްވުރެ ގިނަ ކޮމެންޓްސް ލިބިފައިވެއެވެ. މީގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ދިއާ މިރްޒާ، މަސާބާ ގުޕްތާ، ވިކްރާންތު މެސީ، ރިތިކް ރޯޝަން، އަޔޫޝްމަން ކުރާނާ، އާލިއާ ބަޓް އަދި އަނަންޔާ ޕާންޑޭ ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ލައިކް ދީފައިވާކަން ފާހަގަކުރެވެއެވެ.
ކަރީނާ އާއި ސައިފް އަދި އެ ދެމަފިރިންގެ ދަރިން ކަމަށްވާ ތައިމޫރު އަދި ޖޭހް ރާއްޖެއަށް ކުރި މި ދަތުރުގައި ވަނީ ދިވާލީ ފާހަގަކޮށްފައެވެ.
ސައިފްވެސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ދަތުރުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އޭނާގެ ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައިވަނީ "ދިވާލީ ސަންސެޓްސް ވިތް މައި ލަވް #2024" މިހެންނެވެ.
މި ދަތުރަކީ ކަރީނާ އާއި އޭނާގެ އާއިލާ ދިވެހިރާއްޖެއަށް ކުރި ޗުއްޓީ ދަތުރެކެވެ. މި ދަތުރުގައި އެ އާއިލާ ވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، ސާފު ކަނޑު އަދި ހިތްގައިމު މާހައުލުގައި ވަގުތު ހޭދަކޮށްފައެވެ.









