ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އަދި ދަރިފުޅު ދޭވީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
މި މަޝްހޫރު ޖޯޑު ރާއްޖެ އައި ތާރީޚެއް ހާމަކޮށްފައި ނުވި ނަމަވެސް، އެމީހުން މިވަގުތު ތިބީ އޯޒޯން ރިޒާވް ބޮލިފުށީގައި ކަމަށް ވަނީ އެނގިފައެވެ.
ބިޕާޝާ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓްގައި ވަނީ ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައެވެ. މިގޮތުން ގޮނޑުދޮށުގައި ކޮފީ ބޯން އިންނަ ފޮޓޯއެއް ހިއްސާކޮށް، ބިޕާޝާ ވަނީ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. އަދި އެހެން ފޮޓޯތަކުން ފެންނަނީ ކަރަން އާއި ދަރިފުޅު ދޭވީ އެކުގައި އެމީހުންގެ ވިލާގެ މޫދު ފަރާތުގައި ހިތްހަމަޖައްސާލަން ތިބޭ މަންޒަރެވެ.
މީގެ އިތުރުން، ބިޕާޝާ ވަނީ ދޭވީއާއެކު ފެންވަޅުގައި މަޖާކުރަމުންދާ މަންޒަރުތައްވެސް ހިއްސާކޮށްފައެވެ. މި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ މި އާއިލާ ރާއްޖޭގައި ހޭދަކުރަމުންދާ އުފާވެރި ވަގުތުތަކެވެ.
ބިޕާޝާ އާއި އޭނާގެ އާއިލާ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އެމީހުން ބުނާ ގޮތުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެމީހުންނަށް އަބަދުވެސް އެންމެ ކަމުދާ އެއް ގައުމެވެ. މި ދަތުރުންވެސް ފެންނަނީ އެމީހުން ރާއްޖޭގެ ރީތި މޫދާއި ގުދުރަތީ ވެށީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރެވެ.









