މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ޚާއްޞަކޮށްގެން ޤާއިމްކޮށްފައިވާ "އޮޅު ހިޔާ" އަށް ބޭނުންވާ ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނުކޮށްފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ނެރުނު ޢިއުލާނުގައިވާ ގޮތުން، މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ދިވެހި އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ޙުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް ޢިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެގުމުގެ ދަށުން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މަރުކަޒެކެވެ. މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާޢިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމަށް ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުމަށް އެދިފައެވެ.









