ބޮލީވުޑްގެ މަޝްހޫރު ސުޕަރ ސްޓަރ ޝާހްރުކް ޚާނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް މުމްބާއީ ފުލުހުން ހާމަކޮށްފިއެވެ. މި އިންޒާރާއި ގުޅިގެން ފުލުހުން ވަނީ ޝާހްރުކްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި މި އިންޒާރު ދީފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ 8:00 އެހާކަންހާއިރު ފޯނު ކޯލެއް މެދުވެރިކޮށެވެ. ފޯނު ކޯލް ކުރި މީހާ ބުނެފައިވަނީ އޭނާ ގުޅިއިރު ހުރީ މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ މަންނަތުގެ ބޭރުގައެވެ.
"މަންނަތުގެ ބޭރުގައި މި ގުޅަނީ. ޝާހްރުކް އަހަރެންނަށް 50 ލައްކަ ނުދީފިނަމަ އޭނާ މަރާލާނަން." މި ފަދައިން އެ މީހާ ބުނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އިންޒާރު ދިން މީހާ އޭނާއަށް ކިޔަނީ ހިންދުސްތާނީ ކަމަށް ބުނެފައިވެއެވެ.
މި އިންޒާރާ ގުޅިގެން ޝާހްރުކް ޚާނާއި އޭނާގެ އާއިލާ ދިރިއުޅެމުންދާ ގެ މަންނަތު ވަނީ ބަންދުކޮށްފައެވެ. އަދި ޝާހްރުކް ބައިވެރިވާ ހުރިހާ ޝެޑިއުލް އިވެންޓްތައް މިހާރު ވަނީ މަޑުޖައްސާލައިފައެވެ. މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި އިންޒާރާއި ގުޅޭ ގޮތުން ޝާހްރުކް އަދި ވަކި އެއްޗެއްވެސް ބުނެފައި ނުވެއެވެ.
މި މަހުގެ ކުރީކޮޅު ބޮލީވުޑްގެ އަނެއް މަޝްހޫރު ތަރި ސަލްމާން ޚާނަށް ވެސް ވަނީ މަރުގެ އިންޒާރު ދީފައިކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށާއި، ޝާހްރުކް ޚާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.









