ބޮލީވުޑްގެ މަޝްހޫރު ތަރި އަތިޔާ ޝެޓީ އާއި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ ކޭއެލް ރާހުލްއަށް އަލަތު ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ. މި އުފާވެރި ޚަބަރު ހިއްސާކޮށްފައިވަނީ އެމީހުންގެ ޖޮއިންޓް އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައެވެ.
އެ ދެމަފިރިން ކުރި ޕޯސްޓުގައި ބުނެފައިވަނީ އަންނަ އަހަރު އެމީހުންގެ ދިރިއުޅުމަށް "ބްލެސިން" އެއް އަންނަން އުޅޭ ކަމަށެވެ. މިއީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ވާނެއެވެ. މި އުފާވެރި ޚަބަރާ ގުޅިގެން އެ ދެމަފިރިންނަށް ވަނީ ފޭނުންނާއި، އާއިލާ އަދި ގާތް ރައްޓެހިންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ގިނަ ބަޔަކު ފާޅުކުރަމުންދާ ޝުޢޫރުތަކުގެ ތެރޭގައި އެ ދެމަފިރިންގެ ދަރިފުޅު ބަލާލަން ކެތްމަދުވެފައިވާކަމާއި، އެ ދެމީހުންނަކީ ވަރަށް ފުރިހަމަ މައިންބަފައިންނަށް ވެގެންދާނެކަމުގެ ޔަގީންކަން ހިމެނެއެވެ.
އަތިޔާ ޝެޓީ އާއި ކޭއެލް ރާހުލް ކައިވެނިކުރީ 2023 ވަނަ އަހަރުއެވެ. މިއީ އެ ދެމީހުން ލޯބީގެ ގުޅުމެއްގައި އުޅުނުތާ ގާތްގަނޑަކަށް 5 އަހަރު ފަހުންނެވެ. އެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނީ އަތިޔާގެ ބައްޕަ ސުނިއލް ޝެޓީގެ ޚަންޑަލާ ފާމްހައުސްގައި، ގާތް މީހުންގެ ހާޒިރުގައި ކުޑަ ރަސްމިއްޔާތެއްގެ ގޮތުގައެވެ.
އަތިޔާ ޝެޓީ ބޮލީވުޑަށް ތަޢާރަފުވީ 2015 ވަނަ އަހަރު ސޫރަޖް ޕަންޗޯލީއާ އެކު "ހީރޯ" ފިލްމުންނެވެ. އޭގެ ފަހުން އޭނާ ވަނީ "މުބާރަކަން" އަދި "މޮޓިޗޫރު ޗަކްނަޗޫރް" ފަދަ މަޝްހޫރު ފިލްމުތަކުގައި އަދާކޮށްފައެވެ. އަދި ކޭއެލް ރާހުލްއަކީ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ނަންހިނގާ ކުޅުންތެރިއެކެވެ.









