ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ބައެއް ތަކެތިން ޑިއުޓީ މަޢާފުވާގޮތަށް އުޞޫލު އިސްލާޙުކޮށްފިއެވެ. މި އިސްލާޙާއެކު، ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މަޢާފުކުރުމުގެ އުޞޫލަށް ސަރުކާރުން ބަދަލު ގެނެސްފައިވެއެވެ.
ކުރިން އޮތް އުޞޫލުގައި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ފަތުރުވެރިންނަށް އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނަ ސިނގިރޭޓާއި ސުއްޓާފަދަ ތަކެތިން ޑިއުޓީ މަޢާފުކުރެވޭގޮތަށް ނެތެވެ. ނަމަވެސް، މިހާރު ގެނެވުނު އިސްލާޙުގައި، އުމުރުން 18 އަހަރު ފުރިފައިވާ ބޭރުގެ ފަތުރުވެރިންނަށް އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް މިފަދަ ތަކެތި ޑިއުޓީ މަޢާފުކޮށްދީފައިވެއެވެ.
އައު އުޞޫލުގެ ދަށުން، ފަތުރުވެރިންނަށް 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް ހިމެނޭހެން، މިއިން ކޮންމެ އެއްޗަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނަމަ ޑިއުޓީ މަޢާފު ކުރެވޭނެއެވެ. މިއަށްވުރެ އިތުރަށް ގެންނަ ތަކެތި ބޮންޑުގެ ގޮތުގައި ކަސްޓަމްސްއިން ހިފަހައްޓާނެއެވެ. ނަމަވެސް ދަތުރު ނިންމާލުމަށްފަހު ރާއްޖެއިން ފުރަމުން މި ތަކެތި ފަތުރުވެރިންނަށް ނެގޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފައިވެއެވެ.
މި އިޞްލާޙާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށް ނިންމަވާފައެވެ. މި ނިންމެވުމުގެ މަޤްޞަދަކީ ސިނގިރޭޓާއި ދުންފަތް ބޭނުންކުރުންފަދަ ޞިއްޙަތަށް ނުރައްކާތެރި އާދަތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމެވެ. މިކަމާއި ގުޅޭގޮތުން ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.









