ސަރުކާރުގެ ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތު ވަރަށް ސާފުކޮށް މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސިޔާސަތު މެނިފެސްޓޯގެ ޗެޕްޓަރ 4 ގެ ނަންބަރު 12، 13 އަދި 14 ގައި ތަފްޞީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަންގެ އިތުރުން، އުތުރުގެ 3 އަތޮޅު ހިމެނޭ ގޮތަށް ނޮރދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި، ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރުމަށް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން، މާލެއިން އުތުރުގައި 3 އަދި ދެކުނުގައި 4 އަރބަން ސެންޓަރު ތަރައްޤީކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ތަރައްޤީގެ މަޝްރޫޢުތަކަކީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލެވޭ ތަރައްޤީގެ މާސްޓަރ ޕްލޭންގައި ހިމެނޭ ކަންކަމެވެ. މި މާސްޓަރ ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯދުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރައީސް މުޢިއްޒު ކަންބޮޑުވުން ފާޅުކުރެއްވީ، ބައެއް ސިޔާސީ ފަރާތްތަކުން ކަންކަމުގެ ޙަޤީޤަތް ނުބަލައި، ނުވަތަ ޙަޤީޤަތް އެނގިހުރެ، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ދޮގު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރާތީއެވެ. މިފަދަ ޢަމަލުތަކަށް ޒިންމާވާނީ އެކަންކަންކުރާ ފަރާތްތަކުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.









