ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި 4 މީހަކު ތަޙުޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު 4 މީހުންގެ ތެރޭގައި ހިމެނެނީ ނ. މަނަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކާއި، އއ. މާޅޮހަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި، ގދ. ވާދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނަކާއި، އަދި މާލެއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ.

މި 4 މީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހުންނާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ތަޙުޤީޤު ބަޔާންތަކާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އެހެނިހެން ހެކިތައް ހިމެނެއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައަކީ ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީގެ ކުށްތަކަކާއި ގުޅުންހުރި މައްސަލައެކެވެ. އަދި މާރާމާރީ ހިންގުމަށްފަހު އެންމެން އެކީގައި ރަށަކަށް ގޮސްފައިވާތީ، މިއީ ޖަމާއަތް ހަދައިގެން ގުޅިގެން ހިންގި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ހަތަރު މީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ މީހުންކަމަށާއި، މި މައްސަލައިގައި ސީދާ ބައިވެރިވެ ޖިސްމާނީ ގޮތުން އަނިޔާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.