ތަކުރާރުކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ އުމުރުން 65 އަހަރުގެ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިރިހެން މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަަޅާނެ ކަމަށް ދައުލަތުގެ ވަކީލުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގު (65) އެވެ.
އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް އައިއިރު ލަގެޖުގައި އޮތް މާ ޖަހާފައިވާ 3 ވާސްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 4 ރަބަރު ޕެކެޓު ފެނުމުންނެވެ. އެ ތަކެތި ޓެސްޓު ކުރުމުން ހެރޮއިންއަށް ޕޮޒިޓިވް ވެފައިވެއެވެ. އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 270 ގްރާމް ހުރިއިރު، އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވެސް ސޯދިގު ރާއްޖެއިން ބޭރުން އައިއިރު އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ފެނިފައެވެ. އެފަހަރު އޭނާގެ އަތުން އަތުލައިގަނެވުނީ 3.49 ގްރާމުގެ ހެރޮއިންއެވެ. އެ މައްސަލައިގައި 15 ދުވަހު ބަންދުގައި ހުރުމަށްފަހު މިނިވަން ކުރުމުން އަނެއްކާ ވެސް އެ ކުށް މިވަނީ ތަކުރާރުކޮށްފައެވެ.
މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 20 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ހެރޮއިން ފަދަ ޑައިމޯފިންގެ ބާވަތްތަކުގެ ހަތަރު ގްރާމަށް ވުރެ ގިނައިން މީހެއްގެ އަތުން ފެނިއްޖެނަމަ ބެލެވޭނީ އެއީ ޓްރެފިކް ކުރަން ގެންގުޅުނު ތަކެތި ކަމަށެވެ. އެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމެވެ.









