އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ ބަނދަރާއި އެ ބަނދަރާއި ގުޅިފައިވާ އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުމަށް ސިންގަޕޫރުގެ އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ ކެޕިޓަލް އޭޝިޔާ އިންވެސްޓްމަންޓްސްއާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމާއިި، ކެޕިޓަލް އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޖޯޖް ޓަންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ޤާއިމުކުރެވުމުން، އެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން ބަނދަރުތަކާއި އިތުރު އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ވަސީލަތްތައް ވެސް ތަރައްޤީކުރެވިގެންދާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.
ކެޕިޓަލް އިންވެސްޓްމަންޓް ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޖޯޖް ޓަން ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ތަރައްޤީ އިތުރު މަރުޙަލާއަކަށް ގެންގޮސް، ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވާނެ ކަމެއް ކަމަށެވެ.
މި މަޝްރޫޢަކީ ސަރުކާރުން އުތުރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށްވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.