މަދަނީ އިޖުރާތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް ހުށަހަޅައިފިއެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ 2021 ވަނަ އަހަރު މަދަނީ އިޖުރާތުގެ ޤާނޫނު ފާސްކޮށް ޢަމަލުކުރަން ފެށުމާއެކު މަދަނީ މައްސަލަތައް ތޮއްޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމް ތަންފީޒުނުވެ، މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އޭގެ ސަބަބުން ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި އާންމު ރައްޔިތުންގެ ވިޔަފާރިތައް ވެސް ހުއްޓިފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ މަދަނީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިސްލާހުތަކެއް ގެނެވިގެން ކަމަށެވެ. އެގޮތުން ޖޭއެސްސީގެ އިސްނެގުމުގެ މަތިން ޤާނޫނު އަސާސީ އާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް މަދަނީ އިޖުރާތުގެ ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އޭޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިސްލާހު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ނިންމާފައިވަނީ 4 ނޮވެންބަރު 2024 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ކަމަށެވެ.









