ކައިވެނީގެ ރަނަށް ކިޔާފައިވާ 85,000 ރުފިޔާ 10 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރުގެ ޖޫން މަހު ކުރެވުނު ކައިވެންޏެއްގެ ރަނުގެ ފައިސާ ހޯދުމަށް އެދި އަންހެން މީހާ ހުށަހެޅި މައްސަލައެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި ކައިވެނި ރޫޅާލައި ވަރި ސާބިތުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މައްސަލަ ހުށަހެޅި އަންހެން މީހާ ބުނެފައިވަނީ ކައިވެނިކޮށްގެން އުޅުނުއިރުވެސް ފިރިހެން މީހާ އެއްވެސް ޚަރަދެއް ކޮށްފައިނުވާ ކަމަށެވެ. އަދި ފިރިހެން މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަމަށާއި، އޭނާ މިހާރު އެކަމަށް ފަރުވާ ހޯދަމުންދާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލަ ބެއްލެވި ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ކުރެއްވި ހުކުމުގައި ވަނީ ރަނަށް ކިޔާފައިވާ 85,000 ރުފިޔާ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.