ހުޅުމާލޭގެ ހިޔާ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ރަހީނުކޮށްގެން ބަޔަކު ގެންގުޅުނު ދިވެހި ޒުވާނެއް ފުލުހުން މިރޭ ސަލާމަތްކޮށްފިއެވެ. މިކަމާ ގުޅިގެން 12 މީހުންގެ ގޭންގެއް ސީނުން ވަނީ ހައްޔަރުކޮށްފައެވެ.

ހިޔާ 9ވަނަ ޓަވަރުގެ 20ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތެރެ- ރަހީނުކުރި މީހާގެ ބޯ ބޭލުމަށްފަހު އޭނާގެ އިނގިލިތައް ބުރިކުރަން ގޭންގުން ދިޔައީ ތައްޔާރުވަމުން ކަމަށް ފުލުހުން ބުނޭ.
ފުލުހުން ބުނީ މިރޭ 19:40 ހާއިރު މީހަކު ރަހީނުކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން ވަނީ ވަގުތުން އެޕާޓްމަންޓްގެ ދޮރު ވައްޓާލައި އެތަނަށް ވަދެފައެވެ. ފުލުހުން ވަންއިރު، ރަހީނުކުރި މީހާގެ ބޯ ބާލައި، އިނގިލި ބުރިކޮށްލަން ތައްޔާރުވަމުންދިޔަ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެތަނުން ދަގަނޑާއި ހަނޑަހަ ފަދަ ތަކެއްޗާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އާލާތްތައް ކަމަށް ބެލެވޭ ތަކެތިވެސް ފެނިފައި ވެއެވެ.

ހިޔާ 9ވަނަ ޓަވަރުގެ 20ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތެރެ- ރަހީނުކުރި މީހާސަލާމަތްކުރަން ފުލުހުން އެޕާޓްމަންޓް ތެރެއަށް ވަނީ ދޮރު ހަލާކުކޮށްގެން.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޑީއީޑީއާއި ފޮރެންސިކް ޓީމުތައް ދަނީ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ. އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވަނީ ހާދިސާ ހިނގި ތަނަށް ވަޑައިގެން ފުލުހުންނަށް ހިތްވަރުދެއްވާފައެވެ.









