ރާއްޖޭގެ އިތުރު 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 19 ރަށެއްގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޤާއިމްކުރެވިގެންދާއިރު، 16 އަތޮޅަކަށް އެމްއައިބީގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މި މަސައްކަތް ނިންމުމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ މި މަސައްކަތަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ ރައްޔިތުންގެ މާލީ ބައިވެރިވުން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ. އެގޮތުން މާލީ މުހިންމު ޚިދުމަތްތަކެއް ލިބޭނެ ފަދަ އިންތިޒާމުތައް މުޅި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ހަމަޖެހިގެން ދިއުމަކީ ރައީސްގެ ވަޢުދެއް ކަމަށާއި، މިއީ ޑިޖިޓަލް އިކޮނޮމީގެ ވެސް މުހިންމު ތަނބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް އެމްއައިބީ އިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިވަގުތު އެމްއައިބީގެ 39 އޭޓީއެމް އެއްގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މިއަދު މި ސޮއިކުރި އެއްބަސްވުމާއެކު 19 ރަށެއްގައި އިތުރު 23 އޭޓީއެމް ބަހައްޓާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އަދި ޚިދުމަތް ފުޅާ ކުރުމަށްޓަކައި އެ ބޭންކުގެ އިތުރު ޚިދުމަތްތައްވެސް ރަށްރަށުގައި ޤާއިމްކުރާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.