ރަޝިއާއިން އެ ޤައުމުގެ އެންމެ ފަހުގެ ނިއުކްލިއަރ ބާރުން ދުއްވާ އައިސްބްރޭކަރު ބޯޓު ރަސްމީކޮށް އިއްޔެ ދުނިޔެއަށް ދައްކާލައިފިއެވެ. މިއީ އާރކްޓިކް ސަރަޙައްދުގައި ރަޝިއާގެ ނުފޫޒު އިތުރުކުރުމަށާއި ހުޅަނގުގެ ދަށުން ގެއްލިފައިވާ މާކެޓްތައް ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. "ޗުކޮޓްކާ" ނަމަކަށް ކިޔާފައިވާ މި ބޯޓަކީ 2.8 މީޓަރުގެ ބޯމިނުގެ އައިސްގަނޑު ފަޅާލެވޭ ވަރުގެ ބާރުގަދަ ބޯޓެކެވެ. މި ބޯޓު ބޭނުންކުރަން ފެށުމުން، ޔޫރަޕާއި އޭޝިއާ ދެމެދު ކުރާ ދަތުރުތައް 15 ދުވަހަށްވުރެ ކުރުކުރެވޭނެ ކަމަށް ރަޝިއާއިން ބުނެއެވެ. މިފަދަ އިތުރު 3 ބޯޓު މިހާރުވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު 3 ބޯޓު އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރަޝިއާއިން ބުނެއެވެ.
ރަޝިއާގެ މިފަދަ އުޅަނދުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 173 މީޓަރު އަދި ޑިސްޕްލޭސްމެންޓަކީ 33،500 މެޓްރިކް ޓަނެވެ. އަދި ބޯޓަށް 40 އަހަރުވަންދެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށް ރަޝިއާއިން ބުނެއެވެ.
ރަޝިއާއިން އާކްޓިކް ކަނޑުގައި އެގައުމުގެ ބާރު އިތުރަށް ގަދަކުރަމުންދާ ކަމަށް ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކައެވެ. އާކްޓިކް ކަނޑުގެ ފުޅާ އައްސޭރިފަށާއި އަސްކަރީ އިންފްރާސްޓްރަކްޗަރަށް ރަޝިއާއިން ވަނީ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. މިގޮތުން އެގައުމުން ވަނީ ގިނަ އަދަދެއްގެ އަސްކަރީ ބޭސްތައް ގާއިމްކޮށް، ކަރަންޓް ޕްރޮޖެކްޓްކުރުމާއި، ސަރަހައްދުގައި މަސްލަހަތު ރައްކާތެރިކުރުމުގެ ގާބިލްކަން އިތުރުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ރަޝިޔާއަކީ އާކްޓިކްގެ އެންމެ ވަރުގަދަ އަސްކަރީ ބާރުގެ ގޮތުގައި ބެލެވެއެވެ. ރަޝިއާގެ މި މަސައްކަތްތަކަކީ އެގައުމުން އާކްޓިކް ސަރަހައްދުގައި އޮތް ބާރު އިތުރަށް ގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.
ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ އެކަހެރިކޮށްފައި އޮތުމާއި ވިދިގެން ޕޫޓިން އަންނަނީ އެޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް މޮޅެތި އުކުޅުތައް ބޭނުންކުރަމުންނެވެ. އިއްޔެ މި ބޯޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޫޓިން ވިދާޅުވީ ރަޝިއާގެ މި ބޯޓުތަކަކީ އެޤައުމުގެ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.









