މީގެ 20 އަހަރު ކުރިން ޔަޝް ރާޖް ފިލްމްއިން ނެރުނު ހިންދީ ފިލްމު 'ވީރް ޒާރާ' ގެ ވިހި ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެ ފިލްމު ރީ-ރިލީޒް ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ޝާހްރުކް ހާން އާއި ޕްރިތީ ޒިންތާ ލީޑްރޯލުން ފެނިގެން ދިޔަ ލޯބީގެ މި ފިލްމު އަލުން ރިލީޒް ކުރާއިރު، އިންޓަނޭޝަނަލް ކޮށް 600 ސްކްރީނުގައި އެޅުވުމުގެ އިތުރުން ސައުދީ އަރަބިޔާ، އޮމާން އަދި ޤަތަރު ފަދަ ޤައުމުތަކުގައި މި ފިލްމު އަލުން ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
2004 ވަނަ އަހަރުގެ ނޮވެމްބަރ 12ގައި ފުރަތަމަ ރިލީޒް ކުރި މި ފިލްމު އަލުން ރިލީޒް ކުރާ އިރު، ކުރިން ރިލީޒް ނުކުރާ ލަވައެއް ކަމަށްވާ، ލަތާ މަންގޭޝްކަރް އަދި ނާރްޔަންގެ ލަވަ 'ޔެ ހަމް އާގައޭ ހޭ ކަހާ" މި ކޮޕީގައި ހިމެނުމަށް ޔަޝް ރާޖް ފިލްމްސް އިން ވަނީ ނިންމާފައެވެ.
މި ފިލްމުގައި ޝާހްރުކް ހާން އާއި ޕްރިތީ ޒިންތާގެ އިތުރުން ރާނީ މުކަރްޖީ، އަމިތާބް ބައްޗަން. ހެމާ މާލިނީ، ދިވްޔާ ދުއްޓާ، ބޯމަން އިރާނީ، ކިރަން ކެއިރް، އަނުޕަމް ކެއިރް، މަނޯޖް ބަޖްޕަޔީ އަދި ޒޮހްރާ ސެގަލް ފެނިގެންދެއެވެ.









