ސަރުކާރުން އަލަށް އުފައްދާފައިވާ "ޤައުމީ ދިރާސާ ކައުންސިލް" އަށް 9 މެމްބަރުން މިއަދު އައްޔަންކޮށްފިއެވެ. މި މެމްބަރުން އައްޔަންކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކައުންސިލްގެ މެމްބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާއެވެ.
ކައުންސިލްގެ ޗެއަރގެ ގޮތުގައި އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ. އަދި މެމްބަރުންގެ ގޮތުގައި ހިމެނެނީ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ޝަޝީ، އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ރަޙީމާ އަބްދުލްރަޙީމް، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާ، ސީޑީއީ ކޮންސަލްޓިން އިންޖީނިއަރ ޑރ. ނަޝްވާން މަތީން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ މުޙައްމަދު ޝިމާލް، ލޮޓީ ފައިލްސްގެ އިންޖިނިއަރިންގ މެނޭޖަރ ނާޢީލް އަބްދުލް ރަޙްމާން، ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ ޑރ. މުޙައްމަދު ޢާދިލް، އަދި މާލީ ވުޒާރާގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް މުޙައްމަދު މާއިޒް މުނާޒެވެ.
ޤައުމީ ދިރާސާ ކައުންސިލް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސާކުރުމާއި، އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
ކައުންސިލްގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމާއި، ފަންޑުން ޚަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތަކަށް ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތޫކުރާނެ ހަމަތަކެއް ޤާއިމްކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެއެވެ.









