ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައިވާ އެކި ބިންތަކަށް ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ ތަފްސީލު ހޯދުމަށް އެޗްޑީސީއަށް ހުށަހެޅުމަށް ނިންމައިފިއެވެ. މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންއެވެ. މައްސަލަ ހުށަހަޅުއްވަމުން އަޒާން ވިދާޅުވީ، އެޗްޑީސީއިން ވިޔަފާރީގެ ބޭނުންތަކަށް ބިންތައް ދޫކޮށްފައިވާ ގިނަ ފަރާތްތަކުން ކުލި ނުދައްކާ ކަމަށާއި، މިހާތަނަށް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާ ކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. ކޮމިޓީގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ވަނީ ބަޔާނެއް ނެރެ، ވިޔަފާރި އުސޫލުން ދެމުން އަންނަ ޚިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްޤީ ކުރަމުންއަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި ނުދައްކާހުރި ފަރާތްތަކުން އަންނަ ނޮވެންބަރު މަހުގެ 30 ގެ ނިޔަލަށް އެ ފައިސާ ދައްކާ ޚަލާސް ކުރުމަށް އަންގާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ވިޔަފާރިތަކަށް އިތުރު ނޯޓިސްއެއް ދިނުމަށްފަހު އެފަރާތްތަކުގެ މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރުމަށްވެސް ވަނީ ނިންމާފައެވެ.