ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އިދިކޮޅު ފަރާތްތަކުން މި ފިޔަވަޅުތަކާއިމެދު ފާޑުކިޔަމުންދާއިރު، ޙަޤީޤަތަކީ މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް ބޮޑު ލުޔެއް ލިބެމުންދާކަމެވެ.
ސަރުކާރުން 248 ސިޔާސީ މުވައްޒަފުން ވަކިކޮށް، މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމީ މި ސިޔާސަތުގެ ކާމިޔާބީގެ ހެއްކެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އަހަރަކު 68.4 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓަށް ބަލައިލުމުން ވެސް ފެންނަނީ މުޅިން ވެސް ޚަރަދު ކުޑަކޮށް އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ އެންމެހައި ކަންތައްތައް އެންމެ ފުރިހަމަޔަށް ކޮށްދިނުމަށް ދައުލަތުން ރާވާފައިވާ މަސައްކަތްތަކެވެ. އާސަންދައާއި އެންސްޕާ ރިފޯމް ކޮށްގެން އިތުރު 500 މިލިއަން ރުފިޔާ ސަލާމަތްކުރާ މަންޒަރެވެ. މިއީ އިދިކޮޅުން ބުނާ ގޮތާއި ޚިލާފަށް މިސަރުކާރުން ގެނެސްދޭމް އުލޭ ތަރައްޤީއާއި ބަލާފައި ދައުލަތުގެ ބަޖެޓަށް ގެނެސްދޭ ވަރަށް ވެސް ބޮޑު ލުޔެކެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ ބަޖެޓަށް ވުރެ މިއަހަރު އިތުރަށް ޚަރަދުކުރި ވާހަކައެވެ. ޙަޤީޤަތަކީ ފާއިތުވީ ތިންއަހަރު ދައުލަތުގެ ޚަރަދުތައް ހުރީ 15 ޕަސަންޓަށްވުރެ މަތީގައެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތާއި ޚިލާފަށް މި ވެރިކަމުގައި ޚަރަދުތައް އިތުރުވުން އެންމެ 2.6 ޕަސަންޓަށް ނާރައެވެ.
އެމްޑީޕީން ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލަމުންދާއިރު، މިވެރިކަމުހެ ފުރަތަމަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސީދާ އެމްޑީޕީން މިސަރުކާރަށް ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިޔަށް ނުގެންދެވޭނެ ގޮތަށް ހުށަހެޅި ބަޖެޓެކެވެ. ނަމަވެސް މިސަރުކާރުގެ އަމިއްލަ ބާރުގައި އެކުލަވައިލި ބަޖެޓުން ފެންނަނީ މުޅި ރާއްޖެއަށް ބަހައިލައިގެން އެއިރަކު އެންމެ މުހިންމު ތަނަކަށް ތަރައްޤީ ގެނައުމަށް ފުރުޞަތު ލިބޭ ގޮތަށް ބަޖެޓެއް އެކުލަވައިލި މަންޒަރެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދޭނެއެވެ. ނަމަވެސް، އިދިކޮޅުން ބުނާ ގޮތާއި ޚިލާފަށް އަންނަ އަހަރު އެކަނިވެސް 27000 ހައުސިން މަޝްރޫޢު އެއޮތީ އިޢުލާން ކޮށްފައެވެ.
އިދިކޮޅުން އުޅުނީ މިސަރުކާރު ފައްތާލާށެވެ. އޮޔާއި ދުއްވާލުމަށެވެ. ފައްޔާޒުމެން ޝާހިދުމެން ތިއްބެވީ މި ޤައުމު ބަނގުރޫޓުވެ މިސަރުކާރު ތިންމަސްތެރޭ ވެއްޓޭނެ ކަމުގެ އުއްމީ ކޮށްގެންނެވެ. އެހެންވެ ވެރިކަމަށް ވަޑައިގަތުމަށް އިދިކޮޅުން އޮތީ ކެބިނެޓްވެސް އެކުލަވާލާފައެވެ. ނަމަވެސް އިދިކޮޅުން ހީކުރި ގޮތާއި ޚިލާފަށް އެ ދަތި ދަނޑިވަޅުގައި ވެސް ސަރުކާރުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދީ ޤައުމު ބަނގުރޫޓުވުމުން ސަލާމަތް ކޮށްދީފައެވެ.
އިދިކޮޅުން ހީކުރި ގޮތާއި ޚިލާފަށް މި ސަރުކާރު ދެމި އެބައޮތެވެ. ސަރުކާރަށް އަހަރު ފުރި އަންނަން އޮތް އަހަރުގެ ބަޖެޓު ވެސް ފާސްކޮށްފިއެވެ. އެ ބަޖެޓުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ކުރިޔަށްގެންދާތަން ފެންނާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. ފުލެޓުތައް ޢިމާރާތްކުރާތަން ފެންނާނެއެވެ. އެތަންތަނުގައި ރައްޔިތުން ދިރިއުޅޭތަން ފެންނާނެއެވެ.
ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލަން އިދިކޮޅުން ރިސޯޓު އޯނަރުންތަކެއް ލައްވައި ސަރުކާރަށް ވަކި ކަންތައްތަކެއް ޕްރެޝަރުކުރީ ރާއްޖެ ޙާލުގައި ޖައްސާށެވެ. އިދިކޮޅުން ހީކުރި ގޮތާއި ޚިލާފަށް އެކަން އެ މަގުން ވެސް ނުދިޔައެވެ. ރާއްޖޭގައި ތިބިހައި ރިސޯޓަކަށް ވަންނަ ހުރިހާ ފައިސާއެއް ވަކި ބަޔެއްގެ މުށުތެރޭގައި ބޭތިއްބުމަކީ އިދިކޮޅުން ބޭނުންވި ގޮތެވެ. ނަމަވެސް އެއާއި ޚިލާފަށް މިސަރުކާރުން ވަނީ އެފައިސާ ވެސް ރައްޔިތުންން ބެހިގެންދާނެ މެކޭނިޒަމެއް އެކުލަވާލައިފައެވެ.
އިދިކޮޅުން ހީކުރި ގޮތާއި ޚިލާފަށް މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަކީ ޤައުމުގެ މާލީ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރާނެ ސިޔާސަތުތަކުން މުޅި ރާއްޖެ ބަދަލުކޮށްލާނެއެވެ. ލޯތަކަށް ފެންނަ، އަތްލެވޭ ތަރައްޤީ ދެން ދާނީ ފެންނަމުންނެވެ. ރައީސް މުޢިއްޒުއަށް އޮތް ތާޢީދާއި ލޯބި ވެސް ވާނީ އިތުރެވެ. އިންޝާﷲ









