ތަމްރީނު ދަތުރެއްގައި އިސްލާމިކް މިނިސްޓްރީގެ އަންހެން މުވައްޒަފުން ސަޢުދީއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ތަމްރީން ދަތުރެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންނާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ބައިވެރިންނަށް ކާމިޔާބު ދަތުރަކަށް އެދިލައްވާ، ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.
މި ދަތުރުގައި މިނިސްޓްރީގެ އެކި ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރަކީ މައްކާގެ ވަޤުފު މުއައްސަސާއިން އިންތިޒާމްކުރާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި މުވައްޒަފުން ޢުމްރާކުރުމުގެ އިތުރުން، ޢިލްމީ ދައުރާއަކާއި، މައްކާގެ ތާރީޚީ، ދީނީ އަދި އިޖުތިމާޢީ އެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގައި އިސްލާމިކް މިނިސްޓްރީގެ 22 އަންހެން މުވައްޒަފުން ބައިވެރިވާނެ ކަމަށާއި، މި ދަތުރުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.









