ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން، ނުވަތަ ދިވެހި ސަރުކާރު ޤަބޫލު ކުރާ އެހެން ކޮލެޖް / ޔުނިވަރސިޓީއަކުން ކަށުކަމާކެމީގެ (ޖަނާޒާގެ މޮޑިއުލްތައް ހިމެނޭހެން) ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އިތުރު ކޯހެއް ނުވަތަ އިތުރު އިމްތިޙާނަކާ ނުލައި ކަށުކަމާކެމީގެ ސަނަދު ދޭ ގޮތައް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަށުކަމާކެމީގެ ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ކޯސްތައް ފުރިހަމަކޮށްފައިވާނަމަ ކަމަށެވެ.

  • ބެޗްލަރ އޮފް އިމާމުޝިޕް
  • ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް
  • ޑިޕްލޮމާ އޮފް އިމާމު ޝިޕް
  • އެޑްވާންސް ސެޓްފިކެޓް ފޯ އިމާމްޝިޕް
  •  ސެޓްފިކެޓް 3 ފޯ އިމާމްޝިޕް
  •  ސެޓްފިކެޓް 3 އިން ޖަނާޒާ

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިގޮތަށް ނިންމެވީ މި ކޯސްތަކަކީ ކަށުކަމާކެމީގެ މަޢުލުމާތާއި ޖަނާޒާއާ ބެހޭ ޢިލްމީ މާއްދާތަކުގެ ނަޒަރީ އަދި ޢަމަލީ ބައިތައް ކިޔަވައިދޭ ކޯސްތަކަކަށް ވާތީއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރަމުންދާ މީހުންގެ ދަތިކަން އޮތުމާއެކު އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.