ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކަށަވަރުކުރަން ބޭނުންވާނަމަ ޑްރަގުގެ ވަބާއަށް ދާއިމީ ހައްލެއް އަންނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އިފްތިތާޙް ކުރުމުގެ ހަފްލާ ނިންމުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމަޢުގައި ހައްލުކުރަން ހުރި ކަންކަމުގެ ތެރެއިން އެންމެ އިސްކަންދޭން ޖެހޭ އެއް ކަމަކީ ޑްރަގްގެ މައްސަލައަށް ހައްލެއް ގެންއުންކަމަށެވެ.
އެގޮތުން މި ހަފްލާގައި ވާހަކަ ދެއްކެވި ފަރާތްތަކުގެ ތެރެއިން ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާދީ، އެފަރާތްތައް އަލުން މުޖުތަމަޢަށް ނެރުމުގެ މަސައްކަތް ކުރަން މުހިންމު ކަން ފާހަގަކޮށްފައެވެ. އަދި ކުޑަކުދިންނާއި ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން މިންޖުވެފައި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މިވާހަކަތަކަށް ރިޢާޔަތްކޮށް ރައީސް ވިދާޅުވީ ޤައުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލާއިރު ޑްރަގުގެ މައްސަލައަކީ ހައްލުކޮށް، އެކަމަށް ޖަވާބުދޭން ޖެހޭ ކަމެއްކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ގެނެވެން އޮތީ އެންމެން މިކަމުގައި ބައިވެރިވެ، އެންމެންގެން އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ޕްލޭން ހެދިގެންދާއިރު. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކަށަވަރުކުރަން ބޭނުންވާނަމަ، ޑްރަގުގެ ވަބާއަށް ދާއިމީ ހައްލެއް އަންނަން ޖެހޭނެ ކަމަށާއި، ސަރުކާރުން މިހާރުން މިހާރަށްވެސް މި މިކަމަށް ހައްލުތަކެއް ގެންނަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހުރި މައްސަލަަތަކަށް ބަލާއިރު ޑްރަގް ޑީލް ކުރުމާއި މި ހުރިހާ ކަމެއްގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާ އެ މައްސަލައަށް ހައްލެއް ގެނައުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ވަރަށް އަވަހަހަށް މިކަމާ ގުޅިގެން މަޖިލީހަށް ބިލެއް ފޮނުވަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.









