ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މާސްޓަރ ކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑް ތަޢާރަފްކޮށްފިއެވެ.
ބީއެމްއެލް އިން މި ކާޑު ތަޢާރަފްކޮށްފައިވަނީ ހޮޓެލް ޖެންގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ކާޑަކީ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފްކުރެވުނު ޚިދުމަތެކެވެ. އަދި މިއީ ބަދަލުވަމުންދާ ވިޔަފާރީގެ މާޙައުލަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަމަށް އިތުރުވި ބޮޅެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ކާޑުގެ ދެ ވައްތަރެއް ނެރެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ ޚަރަދުތަކަށް ޚާއްސަ ޑޮލަރު ކާޑަކާއި، އެތެރޭގެ ޚަރަދުތަކަށް ޚާއްސަ ދިވެހި ރުފިޔާ ކާޑެކެވެ. ދިވެހި ރުފިޔާ ކާޑަށް 500,000 ރުފިޔާއާ ހަމައަށް ރިލޯޑް ކުރެވޭއިރު، ޑޮލަރު ކާޑަށް 100,000 ޑޮލަރާ ހަމައަށް ރިލޯޑް ކުރެވޭނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ކާޑަކީ ބޮޑެތި ވިޔަފާރިތަކުން ކުރަންޖެހޭ ކުދި ޚަރަދުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ކުރަންޖެހޭ އާންމު ޚަރަދުތައް މެނޭޖްކުރުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. އަދި މި ކާޑާއެކު މާސްޓަރ ކާޑާ ގުޅޭ ޑިސްކައުންޓުތައް ލިބުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް ބޭންކުން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލް އިން ބުނީ މިއީ ފަންނިއްޔާތު ކުރިއަރުވައި މާލީގޮތުން ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަޢާރަފްކުރެވުނު ކާޑެއް ކަމަށެވެ.









