އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢަބްދުލް ހަޞީބު އިސްމާޢީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މިހާރު އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލް ޙަސީބު އިސްމާޢީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެ މަޤާމަށް ޢަބްދުލް ޙަސީބު އިސްމާޢީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ މެންބަރުކަމުގެ މުއްދަތު 23 ވަނަ ދުވަހު ހަމަވާތީއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޙަސީބު އައްޔަންކުރުމަށް ފެންނަކަމަށް ނިންމުމާ ގުޅިގެން، މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުން ވަނީ އޭނާ އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަން ފާސްކޮށްފައެވެ.
ޢަބްދުލްޙަސީބު އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2 ޖެނުއަރީ 2022 ގައެވެ. މީގެ ކުރިން އޭނާ ވަނީ މާލީ ވުޒާރާ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ.









