މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީ ކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ފެށުމަށް ޗައިނާ ސަރުކާރުން އައްޔަންކުރި ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބައްދަލުވުމެއް ބޭއްވިއިރު، ޗައިނާ-އެއިޑް އިން ފައިސާ ހޯދައިގެން ކުރިޔަށްދާ މި މަޝްރޫޢުގައި ޗައިނާގެ ތަޖުރިބާކާރުންގެ ޓީމުން މުހިންމު ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ސައިޓް ސާވޭތައް ހަދައި، މިއަދުން ފެށިގެން މިމަހުގެ 21 އަށް ކަމާއި ގުޅުންހުރި ޓެކްނިކަލް މައުލޫމާތު އެއްކުރާއިރު، މިއީ ޕްރޮޖެކްޓްގެ ފަހުގެ ޑިޒައިން އަދި ޕްލޭނިން މަރުހަލާތަކުގެ ބިންގާ ކަމަށް ބުނެފައިވެ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމާއި ގުޅޭ ގޮތުން ޗައިނާ ޓީމާއިއެކު މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
މި މަޝްރޫޢަކީ ޗައިނާގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްޤީގެ ސިލްސިލާ މަސައްކަތުގެ މިދުވަސްވަރަށް ތާވަލުކޮށްފައިވާ އެންމެ ފަހުގެ މަޝްރޫޢު ކަމަށްވާއިރު، މިއީ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ޕާޓްނަރޝިޕް ދައްކުވައިދޭ މަޝްރޫޢެއް ކަމަށް ބުނެފައިވެ އެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ޚާއްޞަކޮށް ޗައިނާއަކީ ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް ކަމަށާއި، މި އެއްބާރުލުމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ޚާއްޞަކޮށް ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ޚިދުމަތް ފަދަ ދާއިރާތަކުން ރާއްޖޭގެ އިޤްތިޞާދަށް ޗައިނާއިން އެހީތެރިވާކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ފާހަގަ ކުރައްވާފައެވެ.
މާލެ އާއި ވިލިމާލޭ މަގު ރީޑިވެލޮޕް ކުރުމުގެ މަޝްރޫއުގެ މަޤްޞަދަކީ މަގުތަކުގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، ރައްޔިތުންނަށް ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުން ކަމަށާއި، މި ފީސިބިލިޓީ ސްޓަޑީއަކީ ޤައުމުގެ މުސްތަޤްބަލަށް ދެމެހެއްޓެނިވި، މަތީ ފެންވަރުގެ ތަރައްޤީއާއެކު އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޗައިނާއިން ބުނެއެވެ.









