އުތުރު ކޮރެއާ އާއި ރަޝިއާ އާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން ދިއުމާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގައި، ޚާއްޞަކޮށް އަސްކަރީ ގޮތުން ކުރިމަތިވާ ކަންކަމާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.
މި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ޗޯ ސޮން ހޫއީ ދާދި ފަހުން މޮސްކޯގައި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވްއާ ބައްދަލުކޮށް، އަސްކަރީ އެއްބާރުލުން ވަރުގަދަ ކުރުމަށް ދެ ޤައުމުގެ ވަޢުދުތަކަށް އަލިއަޅުވާލާފައިވެއެވެ. މި ބައްދަލުވުމަކީ ރަޝިޔާގެ ރައީސް ވްލަދްމީރު ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ދެމެދު ޖޫން މަހު ވެވުނު އެއްބަސްވުމަކަށް ފަހު، ބޭރުގެ އަނިޔާވެރި ޙާލަތެއްގައި ދެފަރާތުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހިމެނޭ އެއްބަސްވުމެކެވެ.
އާ ދިފާއީ އެއްބަސްވުމުގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު އަސްކަރީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވުމަށެވެ. އެމެރިކާއާއި ނޭޓޯގެ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި އުތުރު ކޮރެއާއިން މިހާރުވެސް 10،000 އާ ހަމައަށް ސިފައިން ރަޝިޔާއަށް ފޮނުވާފައި ވާއިރު، ޔޫކްރޭންގެ ހަނގުރާމައިގައި އުތުރު ކޮރެއާގެ ބާރުތައް ބައިވެރިވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ދާދިފަހުން އުތުރު ކޮރެއާއިން ވަރުގަދަ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ކަމަށްވާ ހަވާސޮންގް-19 ޓެސްޓް ކުރުމުން ޓެންޝަންތައް އިތުރަށް ބޮޑުވެފައިވާއިރު، ޚާއްސަކޮށް މި މިސައިލް އެމެރިކާގެ އަމާޒުތަކަށް ފޯރާފާނެތީ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
އެމެރިކާ، ދެކުނު ކޮރެއާ، ޖަޕާން އަދި ހުޅަނގުގެ ޤައުމުތަކުން ކަންބޮޑުވަނީ ރަޝިޔާއާއި އުތުރު ކޮރެއާގެ ގުޅުން ބަދަހިވުމުން ކޯޅުން އިތުރަށް ގޯސްވެ، ސަރަޙައްދީ ސަލާމަތީ ކަންކަން އިތުރަށް ގޯސްވެދާނެތީއެވެ. ޔުކްރޭނު ހަނގުރާމައިގައި އެތިބީ އެމެރިކާއާއި ނޭޓޯ ވަރަށް ފާޅުކަން ބޮޑުކޮށް ޔުކްރޭނަށް އެހީތެރިވުމަށް ކަމަށްވާއިރު މި ހަނގުރާމައިގައި އުތުރު ކޮރެއާއިން ބައިވެރިވުމަކީ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ.









