އިންޑޮނޭޝިޔާއިން އިތުރު ތަމްރީން ޙާޞިލްކުރާ އިމާމުންނާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މީޑިއާތަކަށް މިނިސްޓަރ ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިތުރު ތަމްރީނަށް އިންޑޮނޭޝިޔާ އަށް ފުރާ އިމާމުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެންމެ ބޭފުޅުންނަށް ކާމިޔާބު ދަތުރަކަށް އެދޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިންޑޮނޭޝިޔާގެ ދަތުރާއެކު މިއަހަރު ރާއްޖެއިން ބޭރުން އިމާމުންނަށް 100 ތަމްރީނު ފުރުޞަތު ފަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން އިމާމުން މިއަހަރު ވަނީ ސައުދީ، ބުރޫނާއި އަދި މެލޭޝިޔާއަށް ތަމްރީނަށް ފުރާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޑޮނޭޝިޔާއަށް އިމާމުން ކުރާ މި ދަތުރަކީ އިސްލާމިކް މިނިސްޓްރީއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރަކީ 7 ދުވަހުގެ ދަތުރެއް ކަމަށެވެ.
މިނިސްޓްރީން ބުނީ މި ދަތުރުގައި ބައިވެރިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަނީ ބައިވެރިން އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރު އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވާކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު މިހާތަނަށް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފައެވެ.









