އާސަންދައިގެ ނާޖާއިޒު ބޭނުން ހިފައި، 14,000 ރުފިޔާގެ ފައިދާ ލާފައި އިންޖެކްޝަނެއް ވިއްކައި އާސަންދައަށް ބިލްކުރަމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ހާމަކުރެއްވީ އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ، މިކަން ހާމަވެގެން ދިޔައީ އާސަންދައިގެ ބޭހުގެ އަގު މުރާޖައާ ކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ ލުސެންޓިސް އިންޖެކްޝަންގެ އަގު ބެލުމަށް ކުރި މަސައްކަތުގައި ކަމަށެވެ. އެގޮތުން ލޮލުގެ ފަރުވާގެ ޚިދުމަތްދޭ ފަރާތަކުން 500 ޑޮލަރަށް ގެނެސްފައިވާ އިންޖެކްޝަނެއް 23,000 ރުފިޔާއަށް އާސަންދައަށް ބިލްކޮށްފައިވާކަން ފާހަގަކުރެވުނެ ކަމަށް ހީނާ ވިދާޅުވިއެވެ.
"މިއީ 18 ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14,000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް." ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓްރީނުކޮށް، ހަމައެކަނި ޕްރިސްކްރިޕްޝަނަށް ކަމަށާއި އާސަންދަ ސްކީމްގެ ތެރެއިން މި އިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ އެ ފަރާތުން ކަމަށް ވެސް ހީނާ ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރު ވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން، މިފަދަ މައްސަލަތައް އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.









