ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމްތް ދޭން ފަށާ ދެވަނަ ފަހަރު ކަމަށެވެ. މީގެ ކުރިން މި ޚިދުމަތް ދެމުން އައީ ވެލާނާ ބިލްޑިންގ ގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އަދި ގއ. ވިލިނގިލީގައެވެ.
ޑީއެންއާރުން ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި މާދަމާ ފަށާނެ ކަމަށާއި މި ޚިދުމަތް ދޭން ފަށަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅު ވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އައިޑީ ކާޑު ޚިދުމަތަށް ގާތްގަނޑަކަށް އެއްލައްކަ ވިހި ހާސް ރުފިޔާ ޚަރަދުވާކަމަށާއި، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާ ވަރަކުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.









