ބަންގްލަދޭޝް އިން އިންޑިއާ މެދުވެރިކޮށް އަންނައުނު އެކްސްޕޯޓް ކުރުން ހުއްޓާލައި، ރާއްޖެ މެދުވެރިކޮށް އެ ތަކެތި އެކްސްޕޯޓް ކުރަން ނިންމައިފިއެވެ. މި ނިންމުމަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނައުނު އުފައްދާ ޤައުމުގެ އެކްސްޕޯޓް ވިޔަފާރިއަށް އަންނާނެ ބޮޑު ބަދަލެކެވެ.
ބަންގްލަދޭޝްގެ ކުންފުނިތަކުން މި ނިންމުން ނިންމީ އިންޑިއާގެ އެއަރޕޯޓުތަކާއި ބަނދަރުތައް މެދުވެރިކޮށް އެކްސްޕޯޓް ކުރުމުން ލިބޭ އާމްދަނީއަށް އަސަރުކުރަން ފެށުމާ ގުޅިގެންނެވެ. މެޑިޓެރޭނިއަން ޝިޕިންގ ކޮމްޕެނީ (އެމްއެސްސީ) އެޖެންސީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ދީޕަކް ޓިވާރީ ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން އިންޑިއާގެ އެއަރޕޯޓުތަކާއި ބަނދަރުތަކަށް ކުރިން މި ކާގޯތައް ބެލެހެއްޓުމުން ލިބުނު އާމްދަނީ ގެއްލިގެންދާނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ ޝިޕިންގ ކުންފުންޏެއް ކަމަށްވާ އެމްއެސްސީ އިން ނިންމާފައިވަނީ އަންނައުނު ކަނޑުމަގުން ރާއްޖެ ގެނައުމަށްފަހު، އެއަރ ކާގޯ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމަށެވެ. މީގެ ތެރޭގައި ޒާރާ އާއި އެޗް އެންޑް އެމް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އަންނައުނު ހިމެނެއެވެ.
މި ބަދަލުގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ހީނަރުވެ، އިންޑިއާގެ އެހީގައި ބަންގްލަދޭޝްގައި ކުރިއަށްދާ މަޝްރޫޢުތަކަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިންޑިއާގެ ބަނދަރުތަކާއި ޓްރާންސިޓް ފީން ލިބޭ އާމްދަނީ މަދުވުމަކީވެސް ގާތް ކަމެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސީ ޓު އެއަރ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދޭތީ، ކަނޑުމަގުން މުދާ ރާއްޖެ ގެނައުމަށްފަހު އެއަރ ކާގޯ މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ފަސޭހައިން ގެންދެވޭނެއެވެ.
މި ބަދަލާ ގުޅިގެން އިންޑިއާ އިން ބަންގްލަދޭޝް އާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ބަދަލަކީ ދެ ޤައުމުގެ އިޤްތިޞާދަށާއި ވިޔަފާރީގެ ގުޅުމަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމެކެވެ..









