ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ދީޕިކާ ޕަޑްކޯން އާއި ރަންވީރް ސިންގް، އެމީހުންގެ ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ. މި ދެ ތަރިން ވަނީ އެމީހުންގެ ޖޮއިންޓް އޮފިޝަލް އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓެއް ކޮށް، އެމީހުންގެ ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފައެވެ.
ދިވާލީއާ ދިމާކޮށް ހިއްސާކުރި މި ޕޯސްޓުގައި ބުނީ އެމީހުންގެ ދަރިފުޅަށް ކިޔަނީ "ދުއާ ޕަޑްކޯން ސިންގް" ކަމަށެވެ. ދަރިފުޅުގެ ނަން ހާމަކުރުމާއެކު، އެމީހުން ވަނީ ދުއާގެ ފައިކޮޅުގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. މި ފޮޓޯގައި ފެންނަނީ ދިވާލީއަށް ޚާއްޞަ ރަތްކުލައިގެ ހެދުމެއް ލައިގެން ހުރި ތަނެވެ.
މި ނަން ހާމަކުރުމުގެ ކުރިން، މި ދެމަފިރިންގެ ފޭނުން ވަނީ މީސްމީޑިއާގައި އެކި ވާހަކަތައް ހިއްސާކުރަމުން ގޮސްފައެވެ. ގިނަ ބަޔަކު ލަފާކުރި ގޮތުގައި ދަރިފުޅަށް ނަން ކިޔާނީ ދެ އެކްޓަރުންގެ ނަމާއި ގުޅުވާލައިގެންނެވެ. މިގޮތުން ރިދީ، ރަވިކާ އަދި ރަމާ ފަދަ ނަންތައް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ބައެއް ނަންތަކަކީ ދެމަފިރިން ކުޅުނު ބައެއް ފިލްމުތަކުގައި ދަރިފުޅުގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްފައި ހުރި ނަންތަކެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި ރަންވީރާއި ދީޕިކާގެ ތުއްތު ދަރިފުޅު ވިހައިފައިވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ. ދަރިފުޅު ވިހެއި ދުވަހު، އެ ދެ މީހުން އިންސްޓަގްރާމްގައި ވަނީ ކެޕްޝަނެއް ނެތި ފޮޓޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯގައި "ވެލްކަމް ބޭބީ ގާލް! 8.9.2024، ދީޕިކާ އެންޑް ރަންވީރު." މިހެން ލިޔެފައިވެއެވެ.
މި ދެ ތަރިންގެ ދަރިފުޅުގެ ނަން ހާމަކުރުމާއެކު، އެތައް ބައިވަރު ފޭނުންނެއް ވަނީ އުފާވެރި މެސެޖުތަކާއި ހެޔޮ އެދުންތައް ފޮނުވާފައެވެ. މި ދެ ތަރިންގެ ދަރިފުޅުގެ ނަމަކީ ދުއާ ކަމަށް ވުމާއެކު، ގިނަ ބަޔަކު ވަނީ މި ނަމުގެ މާނައާއި މުހިންމުކަމާއި ބެހޭ ގޮތުން ވެސް ވާހަކަދައްކާފައެވެ.









