ޤާނޫނުގައި ބުނާ ގޮތުގެ މަތިން ކައުންސިލްތަކަށް ދޫކުރަންޖެހޭ ބްލޮކް ގްރާންޓުގެ ފަސް އިންސައްތަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުން ދަނީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލް ތަކަށް ޙަވާލުކުރުމަށް ޤާނޫނު އިޞްލާޙުކުރުމަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށްލުމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދަކީ ކުރީގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ޙަސަން އަށް ފުލެޓް ގަނެދިން ކަމަށް ތުހުމަތު ކުރެވޭ އަދި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުވެސް ކުރެވޭ، އިތުބާރު ގެއްލިފައިވާ ބޭފުޅެކެވެ. އެގޮތުން މިހާރުވެސް ބޭރުން ގެނައި އަގުބޮޑު ކާޕެޓެއްގެ ޚިޔާނާތާއި ވައްކަމާއި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ޝާހިދުގެ މައްސަލައެއްް ވަޅުޖެހި ގެއްލިފައި އެބައޮތެވެ.
ޑިމޮކްރެޓްސްއިން ވެސް ވަނީ ކައުންސިލްތަކުގެ ބަޖެޓު ކުޑަކޮށް ބްލޮކް ގްރާންޓު ކުރީ އަހަރަށްވުރެ މަދުކޮށްފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޤާނޫނުގައި ބުނާ ގޮތުގެ މަތިން ކައުންސިލްތަކަށް ދޫކުރަންޖެހޭ ބްލޮކް ގްރާންޓްގެ ފަސް އިންސައްތަ ބަޖެޓުން ދެވިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ޙަވާލުކުރުމަށް ޤާނޫނު އިޞްލާޙުކުރުމަށް ފޮނުއްވާނެ ކަމަށެވެ. މިއީ ސަރުކާރުން މާ ކުރިންވެސް ޕްލޭން ކޮށްފައިވާ ކަމެއް ކަމަށްވާއިރު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ފިތުނަ އުފެއްދުމުގެ މަޤްޞަދުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ކުރެވެއެވެ.
މިސަރުކާރުން ވަނީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީފައެވެ. ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގު ފަހިކޮށްދީ، ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސެންޓޭޖެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ނިންމާފައެވެ.









