މިދައުރުގެ ތެރޭގައި 120 އަށްވުރެ ގިނަ ރަށުގައި ކައުންސިލްގެ އޮފީސްތައް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕެޓް ކެއާ ސެންޓަރު ހުޅުވައިދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއިި ރައްޔިތުންގެ ހުރިހާ ބޭނުމެއް ފުއްދުމަށް ކުރަންޖެހޭ ހުރިހާ މަސައްތެއް ކުރުމުގައި ސަރުކާރުން ރެޔާއި ދުވާލު މަސައްކަތް ކުރާމެ ކަމަށެވެ.
ވެރިކަމަށް ވަޑައިގެން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ރައީސް ވިދާޅުވީ މިހާތަނަށް 160 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި، އެ ކައުންސިލްތަކުން ބޭނުންވާ ކަންކަން ނޯޓުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް ވުޒާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރެއްގެ ތެރޭގައި ކުރެވިފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރެވުނު ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ޚާއްޞަ އިސްކަމެއް ދިންކަން އެއީ ފެންނަން އޮތް ޙަޤީޤަތެއް ކަމަށެވެ.
ބައެއް ކައުންސިލްތައް ހިންގަމުންދަނީ އެތައް އަހަރުތަކެއްވެފައިވާ އޮފީސްތަކުގައިކަން ފާހަގަކޮށް، އެމަނިކުފާނު ވެސް އެ އިމާރާތްތައް ބެއްލެވިއިރު މަރާމާތުކޮށްފައި ނުވާކަން ވެސް ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީފައިވާ ކަމަށާއި، ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސެންޓޭޖެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލްތަކަށް ދޫކުރަންޖެހޭ ބްލޮކް ގްރާންޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޤާނޫނުގައި ބުނާ ގޮތުގެ މަތިން ކައުންސިލްތަކަށް ފަސް އިންސައްތަ ބަޖެޓުން ދެވިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ޙަވާލުކުރުމަށް ޤާނޫނު އިޞްލާޙުކުރުމަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ޤާނޫނުގައި ލިޔެވިފައި ހުރެމެ ކައުންސިލްތަކާއި ޙަވާލުނުކޮށްހުރި ކަންކަން ޙަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އެކަމުގެ ކެބިނެޓް މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް އެކި މަސައްކަތްތައް މިހާރުވެސް ދަނީ ކުރައްވަމުން ކަމަށެވެ.









