މި ސަރުކާރު މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށާއި މއީ ރައްޔިތުންގެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކުރި "އޮޅު ހިޔާ" ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދޭން މަސައްކަތް ކުރައްވާނެއެވެ. އަދި މިހާރުވެސް މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ މަގުންނެވެ. ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ވާވަޢުދު ފުއްދާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދެއްވާ ސަރުކާރެކެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ބްލޮކް ގްރާންޓްގެ 5 ޕަސަންޓް ކައުންސިލްތަކަށް ލިބޭނެކަމާއި، ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި ޕަސަންޓެއް ކައުންސިލްތަކަށް ޖަމާކޮށްދޭން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލްތަކުގެ ޢިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތަކީވެސް މި އަހަރު ފެށޭނެ މަޝްރޫއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.









