ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސަރަޙައްދުގައި މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޤާއިމުކުރެވުނު ޕެޓް ކެއަރ ފެސިލިޓީ "އޮޅުހިޔާ" މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
"އޮޅުހިޔާ" ޤާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސިލިޓީން ބުޅަލަށް ބޭނުންވާ އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އޮޕަރޭޝަންތަކުގެ އިތުރުން ބޭސްދިނުމާއި، ކާންދިނުމާއި، އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، އެކިއެކި ޓެސްޓުތައް ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މާލެ ސަރަޙައްދުގައި ބުޅާ ގިނަވުމުގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށްވެފައިވާ މައްސަލައެކެވެ. ރައީސް މުޢިއްޒު 2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވިއިރު މި މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވައި، ދަނޑުވެރިކަމާބެހޭ ވުޒާރާގެ މެންޑޭޓްގައި އެނިމަލް ވެލްފެއަރ ހިމަނުއްވިއެވެ. އަދި މާލެ ސިޓީގައި އެންމެ އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި، ޕެޓް ކެއަރ ފެސިލިޓީ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ ދެވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ސަރުކާރުން ހަމަޖެއްސެވިއެވެ.
މި ފެސިލިޓީ ޤާއިމުކުރެވުމުން މާލެ ސަރަޙައްދުގައި ބުޅާ ގިނަވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.. އަދި މީގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާއި އަޅާލުމާއެކު އިންތިޒާމު ކުރެވޭނެ ކަމަށް ބެލެވެއެވެ.
"އޮޅުހިޔާ" އަކީ އެތައް އަހަރެއް ވަންދެން މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙައްލު ނުލިބި އޮތް ކަންބޮޑުވުމަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހޯއްދަވައި ދެއްވި ދާއިމީ ޙައްލެކެވެ.
މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "އޮޅުހިޔާ" އަކީ ހަމައެކަނި ބުޅާތަކަށް ފަރުވާދޭ ތަނެއް ނޫން ކަމަށެވެ. މިއީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން ދައްކުވައިދޭ، އަދި ދިރޭ ތަކެއްޗަށް އަޅާލުމުގެ މުހިންމުކަން ހާމަކޮށްދޭ ތަނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އޮޅުހިޔާ" ގެ ޚިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ޕެޓް ކެއަރ ފެސިލިޓީތައް ޤާއިމުކުރުމުގެ ވިސްނުން ސަރުކާރުގައި ހުރި ކަމަށްވެސް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން މުޅި ރާއްޖޭގައި ޖަނަވާރުތަކަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.









