އިންފްލޭޝަން ރޭޓް މަޑުމަޑުން އިތުރުވަމުން ދިޔަނަމަވެސް، ގިނަ މުދަލާއި ޚިދުމަތްތަކުގެ އަގު ރާއްޖޭގައި ދަށަށް ގޮސްފި ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި، މުދަލާއި ޚިދުމަތުގެ އަގުތައް ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އެންމެ 1.14 ޕަސެންޓް އިތުރުވެފައެވެ. މިއީ ވަރަށް ކުޑަ މިންވަރެއްގެ އިތުރުވުމެކެވެ.
ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ކަނޑުމަހުގެ އަގުތައް 2.69 ޕަސެންޓް ދަށްވެފައިވާއިރު، މޯބައިލް މުވާސަލާތީ ޚިދުމަތްތަކުގެ އަގު 0.38 ޕަސެންޓް ދަށްވެފައިވެއެވެ. މީގެ އިތުރުން، އަންނައުނުގެ އަގުތައްވެސް ވަނީ 0.29 ޕަސެންޓް ދަށްވެފައެވެ.
ކަނޑުމަހާއި އަންނައުނަކީ މުޅި ޔޫރަޕުގައި އެންމެ އަގު އުފުލިގެން ދިޔަ ތަކެތި ކަމަށްވާއިރު ޚާއްޞަކޮށް ރާއްޖޭގައި އަންނައުނުގެ އަގުތައް ޔޫރަޕާއި އަޅާބަލާއިރު ތިރިވެފައި ވުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
ސަރުކާރުން އަގުތައް ހިފެހެއްޓުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ކިރު ފަދަ ތަކެތީގެ އަގު މައްޗަށް ދިޔަ ނަމަވެސް، އެ އިތުރުވުން ވަނީ ވަރަށް ކުޑަ މިންވަރެއްގައި ހިފެހެއްޓިފައެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިތަކެތީގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.
މި ހުރިހާ ކަމަކުން ދައްކުވައިދެނީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވަމުން އަންނަ މިންވަރެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމެވެ.









