އިސްރާއީލުން ޖަބަލިއާގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޢިމާރާތްތަކުގެ ދަށުގައި ތާށިވެއްޖެއެވެ. ރޭ އިރާއިކޮޅު އިސްރާއީލުން ދިން ޙަމަލާގައި ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ދެ އިމާރާތަކަށް އަމާޒުކުރި ކަމަށް މަސްދަރުަކުން ބުނެއެވެ. އޭގެތެރެއިން އެއް ޙަމަލާއެއްގައި ފަލަސްޠީނުގެ 84 މީހަކު ޝަހީދުވެފައިވާކަން ކަށަވަރުވެފައިވެއެވެ.
މި ދެ އިމާރާތުގައި މަދުވެގެން 170 މީހުން ދިރިއުޅޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރާއިރު، ޙަމަލާގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން އިމާރާތްތަކުގެ ގައުތަކުގެ ދަށުގައި ތާށިވެފައިވާއިރު، އިސްރާއީލުން ދަނީ އެމީހުން ދިރިތިއްބައި ސަލާމަތް ކުރުމަށް އެހީތެރިވާ މެޑިކަލް މީހުންނަށާއި ރެސްކިއު ފަރާތްތަކަށް ހުރަސް އަޅަމުންނެވެ.
އުތުރުގެ ސިވިލް ޑިފެންސްގެ ކުއްލި ހާލަތުގައި މަސައްކަތްކުރާ ބައެއް މީހުން ބުނެފައިވަނީ އެތަނަށް ނުދެވޭ ކަމަށެވެ.
އިސްރާއީލުން މިހާރަކަށް އައިސް ދެމުންދާ ޙަމަލާތަކުގައި ބޭނުންކުރަނީ އެމެރިކާއިން ދީފައިވާ ބާރުގަދަ ބޮންތަކެވެ. މިކަމުގެ ހެކިވެސް މިހާރު ވަނީ ފެނިފައެވެ.









