މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ނައިޓްގައި "އަދަދު" އޮންލައިނަށް ދީފައިވާ އިނާމަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފަށް ދީފައިވާ އިނާމެއް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވުނު އެމްއެމްސީގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިނަށް ދީފައިވަނީ އުސޫލުތަކާއި މަގުސަދުތަކާ ޚިލާފަށް ކަމަށް މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ ހަ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ. މި ފަނޑިޔާރުން މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.
ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "ސްކީލާން" ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ޑޮކިއުމެންޓްރީއެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ނެރުނު މި ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ.
ފަނޑިޔާރުން ނެރުއްވި ބަޔާނުގައި ހަތް ކަމެއް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި، މި ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ އެއްޗެއްކަން އެމްއެމްސީ އަށް ފާހަގަވެގެން އެކަން އެ ގޮތަށް ނުކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ނޫސްބަޔާން ނެރެފައިވާކަން ހިމެނެއެވެ.
އިތުރުން، ފަނޑިޔާރުން ވިދާޅުވެފައިވަނީ މި ޑޮކިއުމެންޓްރީ އެމްއެމްސީ އަށް ބަލައިގަނެ، ފަނޑިޔާރުންނާ ހަމައަށް ގެންދިޔައީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ. އަދި މި އުފެއްދުން ކައުންސިލަށް ބަލައިގަތް ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
ފަނޑިޔާރުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، އެވޯޑަށް އިންސާފު ކުރުމަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައި އޮތްކަމާއި، ރުބްރިކްގެ 80 ޕަސެންޓް ފަރުމާ ކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭން ޖެހޭ ގޮތަށް ކަމަށެވެ. މިހެންވުމުން، ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތްކަން ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ފަނޑިޔާރުން ވިދާޅުވެފައިވަނީ އެވޯޑަށް ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތަކާއި އެވޯޑްސްގެ ޖުމުލަ އަދަދު ފަނޑިޔާރުންގާރުންގެ ޕެނަލާ ވެސް ހިއްސާ ނުކުރާ ކަމަށެވެ. އަދި މީގެ ކުރީ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސް ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ކަމަށާއި، ނަމަވެސް މި ފަހަރު މިއިން އެއްވެސް ކަމެއް ކޮށްފައި ނެތްކަން ފާހަގަކުރައްވާފައިވެއެވެ.
އެމްއެމްސީގެ އެވޯޑް ނައިޓްގެ ހަފުލާ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށްފައިވާއިރު، "ސްކީލާން" ޑޮކިއުމެންޓްރީ ވެސް ވަނީ ލައިވްކޮށް ދައްކާފައެވެ. މިއީ ޕީއެސްއެމުން ގެންގުޅޭ މިންގަނޑާ ޚިލާފު ވީޑިއޯއެއް ކަމަށް ވާތީ، މި ވީޑިއޯ ލައިވް ކުރި މައްސަލާގައި ޕީއެސްއެމްގެ ބޯޑުން ފިޔަވަޅު ވެސް އެޅިއެވެ. ނަމަވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އެޅި މުވައްޒަފުގެ އަދަބު ކެންސަލްކުރިއެވެ.
މި މައްސަލައިގައި އެމްއެމްސީން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ފަނޑިޔާރުން ނެރުއްވާފައިވާ ބަޔާނުގައި މި ޑޮކިއުމެންޓްރީއަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި ޚިލާފު އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައިވާތީ، މި މައްސަލައަކީ މީޑިއާ ދާއިރާގައި ބޮޑު ސުވާލު އުފެދިފައިވާ މައްސަލައަކަށް ވެފައިވެއެވެ. މި ކަމުގެ ސަބަބުން، އެމްއެމްސީގެ އިތުބާރާއި ޒިންމާދާރުކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.









