ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކުގައި އެމެރިކާގެ ހަތިޔާރު ބޭނުން ނުކުރާ ކަމަށް ބުނާ ބުނުން އެއީ ދޮގެއްކަން އިއްޔެ ސާބިތު ވެއްޖެއެވެ. ބައިތު ލާހިޔާގައި ބޮޑެރި ޤަތުލުޢާންމުތައް މިފަހުން ހިންގިއިރު އިސްރާއީލުން ބޭނުންކޮށްފައިވަނީ އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުތުރު ޣައްޒާގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި ޤަތުލުއާންމުގައި އިސްރާއީލުން އެމެރިކާގެ އެމްކޭ-84 ބޮމެއް ބޭނުންކޮށްފައިވާ ކަމަށް އެހީދޭ ޖަމާއަތް ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރ އިން ވަނީ ޔަޤީންކޮށްދީފައެވެ. 200 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތިބި ބައިތު ލާހިޔާގެ އިމާރާތަކަށް މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ މަތިންދާބޯޓަކުން ވައްޓާލީ އެމެރިކާގެބާރުގަދަ ބޮމެއް ކަމަށްވާ އެމްކޭ-84 އެވެ.

އެމްކޭ-84 ބޮން- މިބޮމަކީ 400 މީޓަރު ދުރުގައި ތިބޭ މީހުންވެސް މަރާލާ ބާރުގަދަ ބޮމެއް. އަންގާރަ ދުވަހު ބައިތު ލާހިޔާއަށް ވައްޓާލީ މީގެ ބޮމެއް /ފޮޓޯ ޔޫއެސް މިލިޓަރީ
މިބޮމަކީ ގާތްގަނޑަކަށް 2،000 ޕައުންޑްގެ ބަރުދަން ހުންނަ (80% ޓީއެންޓީ އަދި 20% އެލްމިނިއަމް ކުނޑި) އެކުލެވޭ ބާރުގަދަ ބޮމެކެވެ.މި ބޮން ގޮއްވާލުމާއެކު ވަރަށް ބޮޑު ސަރަޙައްދެއް ފަނާކޮށްލާނެއެވެ. ގާތްގަނޑަކަށް 400 މީޓަރުގެ ސަރަޙައްދުގައި ތިބޭ މީހުންނަށް ވެސް މި ބޮމުގެ އަސަރު ކުރާނެއެވެ.
މި ހަމަލާގެ ސަބަބުން 93 މީހުން ވަގުތުން ޝަހީދުވެ، އެސަރަޙައްދުގައި ތިބި އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، ޔޫރޯ މެޑް މޮނިޓަރ އިން ބުނީ އެ ބޮމުގެ ސަބަބުން ވެއްްޓުނު ޢިމާރާތުގެ ދަށުގައި ޝަހީދުވެފައިވާ ހަށިތައް އެބަތިބި ކަމަށާއި އެސަރަޙައްދަށް ކައިރި ނުވެވޭ ކަމަށެވެ. އިސްރާއީލުން ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތައް ވަށާލައި ބަންދުކޮށްފައި އޮތުމުން ގިނަ ބަޔަކަށް ފަރުވާ ވެސް ނުލިބި ދިޔަކަން ރިޕޯޓްތައް ބުނެއެވެ. ކުޑަކުދިން ވަޅުލެވި، އެހީއަކަށް އެދި ގޮވަމުންދާއިރުވެސް އެއްވެސް އެހީތެރިކަމެއް ނުލިބި ތިބެންޖެހިފައިވާކަންވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ވެއެވެ.
މި ހަފްތާގައި އދ.ގެ އިންސާނީ އެހީތެރިކަމުގެ އެންމެ އިސް އޮފިޝަލް ޖޮއިސް މުސުޔާ ވަނީ ޣައްޒާގެ އުތުރުގައި ބާކީ ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރުވެދާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވަނީ މި ހަމަލާއާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެއީ "ބިރުވެރި" ކަމެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ހަތިޔާރު އިސްރާއީލން ޣައްޒާގައި ބޭނުންކުރުމާމެދު އެމެރިކާއިން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން މަރާކަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށް ނުދޭ ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާއިން ވަނީ މަދުވެގެން 14،000 އެމްކޭ-84 ބޮން އިސްރާއީލަށް ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.









