ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް އިތުރުކުރުމަށް ޚާއްސަ ޕޯޓަލްއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެމީހުންގެ ޑޮލަރު ލިމިޓް 1200 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
މި ޕޯޓަލްގައި ރަޖިސްޓަރީވުމަށް ދަރިވަރުން ބޭނުންވާނީ ޕާސްޕޯޓާއި، ސްޓޫޑަންޓް ވިސާ އަދި ޔުނިވަރސިޓީ އެންރޯލްމަންޓް ލެޓަރ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ލިމިޓް އިތުރުކޮށްދިނުމަށް ނަގާނީ މަސައްކަތު އެންމެ ދުވަހެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު ބޮޑުކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މީގެ ކުރިން ދަރިވަރުންނަށް ލިބެމުން އައީ 750 ޑޮލަރެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، ޕޯޓަލްގައި ރަޖިސްޓަރީވުމުން ޑެބިޓް ކާޑުގެ ލިމިޓް 1200 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، މިކަން އަންގައިދޭ ނޯޓިފިކޭޝަނެއް ބޭންކުގެ މޯބައިލް އެޕްލިކޭޝަނަށް ލިބޭނެ ކަމަށެވެ.









