ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް ހާން އާއިލާއާއެކު ދިވާލީގެ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ދިވާލީއާ ގުޅިގެން ލިބުނު ބަންދު ދުވަސްތަކުގައި ޗުއްޓީއެއް ހޭދަކުރުމަށް ކަރީނާ އާއި އޭނާގެ ފިރިމީހާ، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އަދި އެ ދެމަފިރިންގެ ދަރިން ކަމުގައިވާ ތައިމޫރް އާއި ޖޭ ވެސް ވަނީ ރާއްޖެ އައިސްފައެވެ.
ކަރީނާ ރާއްޖޭގައި ހުރިކަން އަންގައިދިނުމުގެ ގޮތުން އޭނާ ވަނީ އިންސްޓަގްރާމް އެކައުންޓްގައި ފޮޓޯއެއް ޙިއްސާކޮށްފައެވެ. މި ފޮޓޯގައި ކަރީނާ ހުރީ މޫދު ކައިރީގައި ރަތްކުލައިގެ ހެދުމަކާއި، ރަތްކުލައިގެ ތޮތްޕަކާއި، ކަޅުކުލައިގެ އަވިއައިނެއް އަޅައިގެންނެވެ. މި ޕޯސްޓުގެ ކެޕްޝަންގައި ކަރީނާ ވަނީ އޭނާގެ ރައްޓެހިންނަށް ދިވާލީގެ ހެޔޮ އެދުންތައް ފޮނުވާފައެވެ.
ކަރީނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އާއިލާ ވަނީ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެންމެ ފަހުން ކަރީނާ އާއި ސައިފް ރާއްޖެ އައިސްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން، 2018 ވަނަ އަހަރުއެވެ. އޭގެ ކުރިންވެސް މި ދެމަފިރިން ވަނީ އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.









