ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕާންޑޭ އާ ލޯބިވެރިޔަކު ހޯދައިފި ކަމަށް ބުނާ އަޑުތައް ގަދަވެއްޖެއެވެ.
އަނަންޔާގެ ލޯބިވެރިޔާއަކީ އެމެރިކާގެ ކުރީގެ މޮޑެލް ވޯކާ ބްލާންކޯ ކަމަށް ލަފާކުރެވެއެވެ.
އަނަންޔާ އައު ލޯބިވެރިޔަކު ހޯދި ކަމަށް ބުނާ އަޑުތައް ގަދަވީ އޭނާގެ 26 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ވޯކާ ބްލާންކޯ އޭނާއަށް ތަހުނިޔާ ކިޔާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ވޯކާގެ އިންސްޓަގްރާމް ސްޓޯރީގައި ޙިއްސާކުރި އެ ޕޯސްޓުގައި އަނަންޔާއަށް "އާނީ" ކިޔާ މުޚާތަބުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
"ހެޕީ ބާތުޑޭ ބިއުޓިފުލް. ޔޫ އާ ސޯ ސްޕެޝަލް. އައިލް ލަވް ޔޫ އާނީ،" އަނަންޔާގެ ފޮޓޯއަކާ އެކު ވޯކާ ޝެއާކުރި ޕޯސްޓުގައި ލިޔެފައެވެ. ބެލެވޭ ގޮތުގައި، އެ ފޮޓޯއަކީ އެމީހުންގެ ޑިނާ ޑޭޓެއްގައި ނަގާފައިވާ ފޮޓޯއެކެވެ.
އަނަންޔާ އާއި ވޯކާ ރައްޓެހިވެގެން އުޅޭ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ މި އަހަރު ކުރީކޮޅުގައި ބޭއްވި އަންނަތު އަމްބާނީގެ ކައިވެނި ޕާޓީގައި އެ ދެމީހުން އެކުގައި އުޅޭތަން ފެނުނު ހިސާބުންނެވެ. އޭރު ބޮންބޭ ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، އަނަންޔާ ވަނީ ވޯކާއަކީ އޭނާގެ ޕާޓުނަރު ކަމަށް ބުނެ އެ ޕާޓީގައި ގިނަ ބަޔަކަށް ވޯކާ ތައާރަފުކޮށްދީފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ ޗިކާގޯއަށް އުފަން ވޯކާއަކީ ކުރިން މޮޑެލް ކުރަން އުޅުނު މީހެކެވެ. އެކަމަކު، އޭނާ ވަނީ ފަހުން މޮޑެލް ކުރުން ހުއްޓާލައި ދިރޭތަކެއްޗަށް ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތްކުރަން ފަށާފައެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ އިންޑިއާގެ މަޝްހޫރު މުއްސަނދި މުކޭޝް އަމްބާނީ ހިންގާ ޖަނަވާރުތަކަށް ހިޔާވަހިކަން ދޭ މަރުކަޒެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އަނަންޔާ ކުރިން ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓަރު އަދިތުޔަ ރޯއީ ކަޕޫރާއެވެ. މިދިޔަ މާޗު މަހު އެ ގުޅުން ނިމުމަކަށް ގެނައީ ގާތްގަނޑަކަށް ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހުއެވެ.









