ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖޭގައި ސިނގިރޭޓު ވިއްކާ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) އެވެ. މި ބިލް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 71 މެންބަރުންގެ ވޯޓަކުންނެވެ. އަދި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރުންނެވެ.
މި އިސްލާހުގެ ދަށުން، މިއަދުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތައަށް ބޮޑުކޮށް، ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާ ގުޅިގެން، ވަކިން ވިއްކާ ސިނގިރޭޓެއްގެ އަގު 8 ރުފިޔާއާއި 10 ރުފިޔާއާއި ދެމެދުގައި ހުރިކަން ފާހަގަކުރެވެއެވެ. އަދި ކުރިން 105-110 ރުފިޔާއަށް ވިއްކަމުންދިޔަ ސިނގިރޭޓު ފޮށީގެ އަގު މިހާރު ވަނީ 200 ރުފިޔާއިން މަތިވެފައެވެ.
އެގޮތުން، މި އިސްލާހުގެ ދަށުން ބިޑިން ވެސް 50 އިންސައްތައިގެ ޑިއުޓީއާއެކު ކޮންމެ ބިޑިއަކުން 8 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއިން މިލިލީޓަރަކަށް 8 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތައިގެ ޑިއުޓީއާއެކު ކޮންމެ ސްޓިކަކުން 8 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
މި އިސްލާހު ފާސްކުރުމާ ގުޅިގެން މި އަހަރު ސިނގިރޭޓާއި ބިޑިން އިތުރު 178 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި، ކުރިއަށް އޮތް ތިން އަހަރު، ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.