އިސްރާއީލުން އީރާނަށް ޙަމަލާ ދީ މިސައިލް އުފެއްދުމުގެ ޤާބިލްކަމަށް ހުރަސް އަޅައިފި ކަމަށް އިސްރާލުން ބުނެފައިވާއިރު، އީރާނުން އެކަން ދޮގުކޮށް އަސްކަރީ ބަޖެޓު 200 ޕަސެންޓަށް ބޮޑުކޮށްފިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާއާއި ގުޅިގެން، ހުޅަނގުން ފަތުރައިގެން އުޅޭ އީރާނުގެ މިސައިލް އުފެއްދުމަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ޚަބަރުތަކަށް ރައްދު ދެއްވައި އީރާނުގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރްޒަދީ ވިދާޅުވީ މިސައިލް އުފެއްދުމުގެ ޤާބިލް ކަމަށް އެއްވެސް ހުރަހެއް ނެޅޭ ކަމަށެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާއަށްފަހު އެމެރިކާގެ ދިރާސާކުރާ ފަރާތްތަކުގެ މަޢުލޫމާތަށް ބިނާކޮށް ރޮއިޓަރސް އިން ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާގައި އީރާނުގެ ބެލިސްޓިކް މިސައިލްތަކަށް ބަޑިބޭސް އެޅުމަށް ބޭނުންކުރާ އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މިފަދަ ވާހަކަތައް ދެކެވޭ މިދަނޑިވަޅުގައި އީރާނު ސަރުކާރުގެ ތަރުޖަމާން ފާތިމަހް މޮހަޖެރާނީ ވިދާޅުވެފައިވަނީ، މިހާރު 10.3 ބިލިއަން ޑޮލަރުގައި ހުރި އަސްކަރީ ބަޖެޓް 30.9 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ އަސްކަރީ ބަޖެޓް މިހާ ބޮޑުތަނުން އިތުރު ކުރަނީ އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުން ދީފާނެ ޙަމަލާއަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކަމަށް މުޙައްލިލުން ބުނެއެވެ..









