ތިންވަނަ ކުއާޓަރގައި އެސްޓީއޯއަށް 156 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އާނާ ފަހީމް | 353 ދުވަސް ކުރިން - 30 އޮކްޓޯބަރު 2024 03:10
އެސްޓީއޯގެ 2023 ވަނަ އަހަރީ އާންމު ޖަލްސާ ތެރެއިން
އެސްޓީއޯގެ 2023 ވަނަ އަހަރީ އާންމު ޖަލްސާ ތެރެއިން
ޚުލާސާ

އެސްޓީއޯއިން އާންމުކުރި ތިންވަނަ ކުއާޓާރގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް 156 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވޭ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެއް.

ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެ ކުންފުންޏަށް 156 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނު 148 މިލިއަން ރުފިޔާއާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ޖޫން އިން އޮގަސްޓު މަހަށް ހިމެނޭ ތިންވަނަ ކުއާޓަރގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ވިޔަފާރި ހިންގުމަށް ހޭދަވި 2.9 ބިލިއަން ރުފިޔާ އުނިކުރުމަށްފަހު، ހިންގުމުގެ ފައިދާގެ ގޮތުގައި 250.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު 156 މިލިއަން ރުފިޔާއަކީ ހިއްސާއަކަށް 138 ރުފިޔާ ޖެހޭ މިންވަރެވެ. މިއީ ކުރީ ކުއާޓަރގައި ހިއްސާއަކަށް ޖެހުނު 131 ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

އެސްޓީއޯގެ އާމްދަނީގެ 80 އިންސައްތަ އަކީ ތެލުގެ ވިޔަފާރިން ލިބުނު ފައިސާ ކަމަށާއި، ބާކީ 20 އިންސައްތައަކީ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އެސްޓީއޯގެ ރިޒާވް ވެސް މިދިޔަ ކުއާޓަރގެ ތެރޭގައި 4.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި، ކުންފުނީގެ ހަރުމުދަލުގެ އަގު ވެސް 4.7 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެ ކުންފުނީގެ ތިންވަނަ ކުއާޓާރގެ ރިޕޯޓުން ދައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%