ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމުގައިވާ އަރްޖުން ކަޕޫރު އާއި މަލައިކާ އަރޯރާ މިހާރު އުޅެނީ ބްރޭކަޕްވެގެން ކަމަށް އަރްޖުން ވަނީ ހާމަކޮށްފައެވެ. މި ޚަބަރު އަރްޖުން ހާމަކުރީ އޭނާގެ އަންނަން އޮތް ފިލްމު "ސިންގަމް އަގެއިން" ގެ ޕްރޮމޯޝަން ޙަރަކާތެއްގައެވެ.
ޕްރޮމޯޝަން ޙަރަކާތުގައި ފިލްމުގެ ޑައިރެކްޓަރާއި އެހެން ކާސްޓުންނާއެކު ވާހަކަދައްކަމުންދަނިކޮށް، ސަޕޯޓަރުން ވަނީ މަލައިކާގެ ނަމުން ގޮވައި، އޭނާ ކޮބައިތޯ އަހާފައެވެ. މި ސުވާލުތަކަށް ޖަވާބު ދެމުން އަރްޖުން ބުނީ އޭނާއާއި މަލައިކާއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މިވަގުތު އޭނާ ހުރީ ހުސްކޮށް ކަމަށް ވެސް ބުންޏެވެ.
މަލައިކާ އާއި އަރްޖުން ލޯބީގެ ގުޅުން ފެށީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މި ގުޅުން ދެ ތަރިން ރަސްމީކޮށް ހާމަކުރީ 2019 ވަނަ އަހަރު އަރްޖުންގެ އުފަންދުވަހުގައި، މަލައިކާ އިންސްޓަގްރާމްގައި އެ ދެތަރިންގެ ފޮޓޯތައް ހިއްސާކުރުމާ އެކުގައެވެ.
މަލައިކާ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ އަރްބާޒް ޚާންއާއެވެ. އެ ދެމަފިރިން 2017 ވަނަ އަހަރު ވަރިވިއިރު، އެ ދެމީހުންގެ ދަރިއަކު ވެސް ހުރެއެވެ. ހަމައެއާއި އެކު، އަރްބާޒް ޚާން މިދިޔަ އަހަރުގެ ޑިސެންބަރު މަހު މޭކަޕް އާޓިސްޓް ޝޫރާ ޚާނާ ކައިވެނިކޮށްފައިވެއެވެ.
މި ބްރޭކަޕްގެ ޚަބަރާއެކު، ބޮލީވުޑްގެ މި މަޝްހޫރު ޖޯޑުގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ޔަގީންވެފައިވާއިރު، ދެ ތަރިންގެ މުސްތަޤުބަލާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.









