ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މައްސަލަ ޙައްލުކުރެއްވުމަށް، ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މިހާރު ވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ކުރިމަތި ވެފައިވާ ކަމުގައި ވިދާޅުވެ، ޚާއްޞަކޮށް އޮންކޮލޮޖީ ނުވަތަ ކެންސަރު ފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން މަދުކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ދަރިމައިވުމުގެ މައްސަލައިގައި ދިމާވާ ގޮންޖެހުންތަކާއި، ޚާއްޞަކޮށް މިކަމުގައި ދެމަފިރިންނަށް ކުރިމަތިވާ އިޖުތިމާޢީ އަދި ނަފްސާނީ ދަތިތަކަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.









