ދެވަނަ ފަހަރަށް އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އަކްރަމް އަފީފް ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 353 ދުވަސް ކުރިން - 30 އޮކްޓޯބަރު 2024 13:35
އަންގާރަ ދުވަހު ސޯލްގައި ފީފާގެ ރައީސް އިންފަންޓީނޯ (މެދުގައި) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާގެ އަތުން އަކްރަމް އަފީފަށް އެވޯޑު ޙަވާލުކުރަނީ/ ފޮޓޯ: އޭއެފްޕީ
އަންގާރަ ދުވަހު ސޯލްގައި ފީފާގެ ރައީސް އިންފަންޓީނޯ (މެދުގައި) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާގެ އަތުން އަކްރަމް އަފީފަށް އެވޯޑު ޙަވާލުކުރަނީ/ ފޮޓޯ: އޭއެފްޕީ
ޚުލާސާ

އަފީފް ވެފައިވަނީ އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެވަނަ ފަހަރަށް ހޯދި ތިންވަނަ ކުޅުންތެރިޔާއަށް. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ޖަޕާނުގެ ހިޑެތޯޝީ ނަކާޓާ އާއި އުޒްބެކިސްތާނުގެ ސަރްވަރް ޖެޕަރޯވް.

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ޤަތަރުގެ އަކްރަމް އަފީފް

އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ޤަތަރުގެ އަކްރަމް އަފީފް ހޯދައިފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 27 އަހަރުގެ އަފީފަށް މި މަޤާމު ލިބުނުއިރު އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ޖަޕާނުގެ ކީކޯ ސެއިކޭއަށެވެ.

ޤަތަރުގެ އަލް ސައްދު ފުޓްބޯޅަ ކްލަބަށް ކުޅެމުންދާ އަފީފަށް މި މަޤާމު ލިބުނީ ދެވަނަ ފަހަރަށެވެ. އޭނާ ވަނީ 2019 ވަނަ އަހަރުވެސް އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ.

މި އަހަރުގެ ކުރީކޮޅު ޤަތަރުގައި ބޭއްވި އޭޝިއަން ކަޕް، އެ ޤައުމަށް ކާމިޔާބުކޮށްދިނުމުގައި އަފީފު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭޝިއަން ކަޕްގެ ފައިނަލުގައި އަފީފު ހެޓްރިކް ހެދިއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ފައިނަލުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ. މުޅި މުބާރާތުގައި އަފީފު ވަނީ އަށް ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

އަފީފަށް ދެވަނަ ފަހަރަށް މި މަޤާމު ލިބުމާއެކު، އޭނާ ވެފައިވަނީ އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ދެވަނަ ފަހަރަށް ހޯދި ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ދެ ފަހަރު މަތިން ހޯދާފައިވަނީ ޖަޕާނުގެ ހިޑެތޯޝީ ނަކާޓާ އާއި އުޒްބެކިސްތާނުގެ ސަރްވަރް ޖެޕަރޯވްއެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%