ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި، އެ މުއައްސަސާތަކަށް ސަރުކާރުން ފޯރުވާ ނުފޫޒުގެ މައްސަލައެވެ. ޚާއްޞަކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙާ ގުޅިގެން މި މައްސަލަ އިތުރަށް ހޫނުވެގެން ގޮސްފައިވެއެވެ.
ނަމަވެސް، މި އިޞްލާޙުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ނުވަތަ އެމަނިކުފާނުގެ ނުފޫޒަކުން ހުށަހެޅުއްވި އިޞްލާޙުތަކެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. އެޗްއާރުސީއެމްގެ މެންބަރު އަދި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވާ ގޮތުގައި، މިއީ 2023 ގައި އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެސްސީގެ މެންބަރުން އަމިއްލައަށް ހުށަހެޅުއްވި ހުށަހެޅުމެކެވެ. އަދި މިއީ އެމެރިކާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުން ވެސް ޢަމަލުކުރަމުން އަންނަ ގޮތެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ދޮގު ވާހަކަތައް ފަތުރަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ އެއްވެސް ބާރަކަށް ނުވަތަ މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން."

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބާރެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އޭގެ ބަދަލުގައި، ރައީސް މުޢިއްޒު އިސްކަންދެއްވަނީ މިނިވަން މުއައްސަސާތަކުން ޢަދުލުވެރިކަމާއި، އިންޞާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުވި ދުވެއްޔެއްގައި މަސައްކަތްކުރަމުންދޭތޯ ކަށަވަރުކުރެއްވުމަށެވެ. އަދި އެ މަގަށް ކަންކަން ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ އެ އިޞްލާޙެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން މާލޭ މޭޔަރުކަމުގައި ވެސް ހުންނެވި ރައީސް މުޢިއްޒުގެ ސިޔާސީ ކެރިއަރަށް ބަލާއިރު، އެމަނިކުފާނަކީ އަބަދުވެސް މިނިވަން މުއައްސަސާތަކުގެ މިނިވަންކަމަށް އިޙްތިރާމްކުރައްވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މާލޭ މޭޔަރުކަމުގައި ހުންނެވިއިރުވެސް، ސިޓީ ކައުންސިލްގެ މިނިވަންކަމަށް އުނިކަމެއް ގެނެސްފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެ ކުރީގެ ވެރިކަންތަކުގައި ފެނިގެންދިޔައީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ތަފާތު މަންޒަރުތަކެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަމުގައި މިހާތަނަށް އެފަދަ ކަމެއް ފެނިފައިނުވާކަން ފާހަގަކުރަންޖެހެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވުމަކީ ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އެމަނިކުފާނަކީ އިތުރުފުޅު ހައްދަވާ، ކުޅިވަރާއި މަޖަލުގައި އުޅުއްވާ ވެރިއެއް ނޫނެވެ. ދިވެހި ތާރީޚުގައި މަލްޓިޕާޓީ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވެރީންގެ ފަރާތުން ފެންނަން ނުޖެހޭ އެތައް އުނި ސިފަތަކެއް ވަނީ ފެނިފައެވެ. ނަމަވެސް މި ރައީސް ތަފާތެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން، އެމަނިކުފާނަށް “މުހިންމީ މާތްރަސްކަލާނގެ ޙަޟްރަތުން ފުއްސެވުމާއި ދިންނެވުމެވެ.” އެމަނިކުފާނު ނުފޫޒެއް ނުފޯރުވާނެއެވެ. އޭރުވެސް ނުފޫޒު ނުފޯރުވައެވެ. ދެންވެސް ނުފޯރުވާނެއެވެ.









