ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވޮލީބޯޅަ ޓީމުން މައިލޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގައި ފެށުން ރަނގަޅު ކޮށްފިއެވެ. އެޗްޑީސީން ކްލަބް ހާފްލައިން ލިންކޭޖް ބަލިކޮށްލީ ސީދާ ތިން ސެޓުންނެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ އެޗްޑީސީ ޓީމުން މި މެޗު ކާމިޔާބުކުރީ 25-22، 25-19 އަދި 25-16 އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ ޒަހަންތަމީރް ޒަހީބެކް އޫލޫއެވެ.
ވީއޭއެމް ކަޕްގެ ފުރަތަމަ ދުވަހު ކުޅުނު އެހެން މެޗުތަކުގައި ޕޮލިސް ކްލަބުން ބްލޫސް ފޯ ވޮލީބޯލް ބަލިކޮށްލައި، ސްޕޯޓްސް ކްލަބް ސިޓީން ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްލިއެވެ.
ޕޮލިސް ކްލަބުން ބްލޫސް ފޯ ވޮލީބޯލް ބަލިކޮށްލީ ސީދާ ތިން ސެޓުން 25-22، 25-21 އަދި 25-19 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ދިރްވިލް ނަޔާންދަބާއިއެވެ.
ސްޕޯޓްސް ކްލަބް ސިޓީން ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްލީ ހަތަރު ސެޓުން 27-25، 20-25، 25-17 އަދި 25-18 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ސްޕޯޓްސް ކްލަބްގެ ޕަރްނީތް ތެންދެނާއެވެ.

ވީއޭއެމް ކަޕްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވޮލީބޯޅަ ޓީމާއި ކްލަބް ހާފްލައިން ލިންކޭޖް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗް އެޗްޑީސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުން / ފޮޓޯ: އެޗްޑީސީ









